ޝާދިޔާ އާއި ޑރ. ޝަޒްރާ ޝަރުތުތަކާއި އެކު ބަންދުން ދޫކޮށްލައިފި
އަހުމަދު ޝުރާއު
9/5/2024, 8:54:24 AM
-
ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރިއަށް އެއްވެ އިސްރާއީލާއި ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް ހައްޔަރު ކުރި އައިޝަތު ޝާދިޔާއާއި ޑރ. ޝަޒްރާ އިބްރާހިމް ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
އޮގަސްޓް 28 ވަނަ ދުވަހު ހައްޔަރު ކުރި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް މީގެކުރިން ދެ ފަހަރެެއްގެ މަތިން ބަންދު މުއްދަތު ޖެހިއިރު ފުލުހުން މިއަދު ބުނެފައިވަނީ، މި ދެމީހުންގެ ބަންދު މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށްފަހު ދެމީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ގެ ބަންދަށް ކޯޓުން ވަނީ ފުރަތަމަ 5 ދުވަސް ދީފައި އެވެ. އަދި އޭގެ ފަހުން އިތުރު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. މިއަދު ޝަރުތުތަކާއި ބަންދުން ދޫކޮށްލި އިރު ކޯޓުން ޝަރުތުކުރީ ކޮން ކަންކަމަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެދެމީހުން ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކުން އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން އެކަމާއި ގުޅިގެން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ، މިފަދަ އަމަލުތަކާ ގުޅިގެން ޝާދިޔާ އާއި ޝަޒްރާއަށް އެގޮތަށް އަމަލު ނުކުރުމަށް އެކި ފަހަރު މަތިން ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވާން އިލްތިމާސްކޮށްފައިވާ ކަމަށާއި ފުލުހުުންގެ އަމުރަށް އެމީހުން ތަބާނުވި ކަމަށް ވަނީ ބަޔާނުގައި ބުނެފައި އެވެ