މަގާމުން ވަކިކުރުމުގެ މައްސަލާގައި ކޮމިޓީއަށް ޖަވާބުދާރީވާން ޕީޖީއަށް ފަސް ދުވަހުގެ ނޯޓިސް ފޮނުވަނީ
އަހުމަދު ޝުރާއު
8/14/2024, 9:25:29 AM
--
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވާން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް، ފަސް ދުވަހުގެ ނޯޓިސްއެއް ފޮނުވަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެކޮމެޓީއަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާގުން ފާސްކުރީ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޖަވާބުދާރީވާން ޝަމީމަށް ފުރުސަތު ދިނުމަށެވެ.
މިއާއިއެކު، އެކަމަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، އެ މައްސަލަ އެޖެންޑާކުރަން މިއަދު ވަނީ ނިންމައިފަ އެވެ. ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ މި ނޯޓިސް މިއަދު ފޮނުވާނެ ކަމަށެވެ.
ޝާހިދު ހުށަހެޅުއްވި ސިޓީގައިވަނީ ޕީޖީކަމުން ޝަމީމް ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ، މައިގަނޑު އަށް ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ:
- ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
- ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
- ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
- ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
- އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
- ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ޝަމީމް ޕީޖީގެ މަގާމަށް އައްޔަނުކުރީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. ޝަމީމް ޕީޖީގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި އެވެ.