އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 182 މިލިއަން ރުފިޔާ ދައްކައިފި
އަހުމަދު ޝުރާއު
8/14/2024, 7:47:52 AM
--
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފައިސާތަކުގެ ތެރެއިން މިހާތަނަށް 182 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފިއެވެ.
ހޯމް ލޭންޑް މިނިސްޓްރީން މިދިޔަ މަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ކަމަށް ބެލެވޭ -/1،765،704،400ރ އެބަހުރި ކަމަށެވެ. އަދި ފީ ނުދައްކާ ހުރި ކުންފުނިތަކުގެ ތެރެއިން ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ރުފިޔާ އަށްވުރެ ގިނަ ފަރާތްތަކުގެ ނަން އެމިނިސްޓްރީއިން މިިދިޔަ މަހު ވަނީ އަންމުކޮށްފައެވެ.
މިއާއި އެކު ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އެމީނިސްޓްރީއިން ބުނީ އެކްސްޕެޓް ޚިދުމަތް ހޯދާ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު ޢާއްމު ކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް -/182،954،572ރ (އެއްސަތޭކަ އައްޑިހަ ދެމިލިއަން، ނުވަލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެރުފިޔާ) ވަނީ ރިކަވަރ ކުރެވިފައިވާ ކަމަށެވެ.
އެމިނިސްޓްރީއިން އެންމެ ފަހުން އާންމުކުރި ލިސްޓަށް ބަލާއިރު ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެކުންފުނިތަކުގެ ނަންތަކާއި އެކު ލިސްޓު އާންމުކޮށް ފައިދާ ދައްކާ ހަލާސްކުރަން މިނިސްޓްރީއިން ދިން މުއްދަކީ މިމަހުގެ 12 ވަނަ ދުވަހެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މުޅި ރާއްޖޭގައި ކުރަނގި ނަމުގައި ވަނީ ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައި އެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަނެ ޑީޕޯޓު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.