
ހަމަލާތަކެއްގެ އިންޒާރާއިއެކު އޮސްޓްރިއާގައި ބާއްވަން ތާވަލްކުރި ޓޭލާ ސްވިފްޓްގެ ކޮންސެޓްތައް ކެންސަލްކޮށްފި
# އޮސްޓްރިއާ--
އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް އިވެންޓުތަކަކަށް ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރުމާއި އެކު މި ހަފުތާގައި ވިއެނާގައި ބާއްވަން ތާވަލުކޮށްފައިވާ ޓޭލާ ސްވިފްޓްގެ ތިން ކޮންސަޓެއް ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެފި އެވެ.

ސްވިފްޓް ގެ އެރަސް ޓުއާގެ ދަށުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އާންސްޓް ހެޕެލް ސްޓޭޑިއަމްގައި ޕާފޯމް އޮތީ ހަމަޖެހިފައި އެވެ.
އިވެންޓް އިންތިޒާމްކުރާ ބަރަކޫޑާ މިއުޒިކުން ބުދަ ދުވަހުގެ ރޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ "އެންމެންގެ ސަލާމަތަށްޓަކައި ޝެޑިއުލްކޮށްފައިވާ ތިން ޝޯ ކެންސަލް ކުރުން ނޫން ގޮތެއް ނެތް" ކަމަށެވެ.
އޮސްޓްރިއާގެ ޗާންސެލަރު ކާލް ނެހެމަރ ވިދާޅުވީ " ދޭން ރޭވި ހަމަލާތަކެއް ހުއްޓުވާފައިވާ" ކަމަށެވެ.
"ބޭރުގެ ހިދުމަތްތަކާ އެކު އަޅުގަނޑުމެންގެ ފުލުހުންނާއި އަލަށް އުފެއްދި ޑީއެސްއެންގެ ވަރަށް ބޮޑު އެއްބާރުލުމުގެ ސަބަބުން، މި ނުރައްކާ ވަރަށް ކުރީކޮޅު ދެނެގަނެ،، ހިތާމަވެރި ހާދިސާއަކުން ސަލާމަތްވީ،" ނެހެމާ ލިޔުއްވާފައިވެ އެވެ. ޑީއެސްއެން އަކީ އޮސްޓްރިއާގެ ޑައިރެކްޓްރޭޓް ފޯ ސެކިއުރިޓީ އެންޑް އިންޓެލިޖެންސް އެވެ.
ބަރަކޫޑާ މިއުޒިކުން ބުނީ ކެންސަލްކުރި ޓެއިލާ ސްވިފްޓުގެ ހުރިހާ ޓިކެޓެއް ރިފަންޑް ކުރާނެ ކަމަށެވެ.
ކޮންސެޓްތަކަށް ހަމަލާދޭން ރޭވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޑިރެކްޓާ ޖެނެރަލް ފޯ ޕަބްލިކް ސެކިއުރިޓީ ފްރާންޒް ރުފް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރި ތަހުގީގަށް މިހާރު ދެނެގަނެވިފައިވާ ގޮތުގައި، ވިއެނާގައި ބޭއްވި ޓޭލާ ސްވިފްޓް ކޮންސެޓްތަކަށް 19 އަހަރުގެ ތުހުމަތު ކުރެވޭ މީހާ ހާއްސަ ސަމާލުކަމެއް ދިންކަން ފާހަގަކުރެވުނު،" އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ އެ މީހާ އައިއެސް (އައިއެސްއައިއެސް) ޖަމާއަތަށް ވަފާތެރިވެފައިވާ ކަމަށް ރުފް ވިދާޅުވި އެވެ. އޭގެ ފަހުން ވިއެނާއިން މި ހަމަލާތަކާއި ގުޅޭ އިތުރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.