
މާލޭސިޓީގައި ބޭނުން ނުކޮށް ބާވެ ގިނަ ދުވަސް ވެފައިވާ ޢިމާރާތްތައް ތަޅައިލަނީ
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް--
މާލޭސިޓީގައި ބޭނުން ނުކޮށް ބާވެ ގިނަ ދުވަސް ވެފައިވާ ޢިމާރާތްތައް ތަޅައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ކަމާ ގުޅޭ މުއައްސަސާ ތަކާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާގައި އިސްކޮށް ބައިވެރިވެލެއްވީ ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މާލޭ ސިޓީކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން އެމްޓީސީސީއާއި، ރޯޑް ކޯޕަރޭޝަނާއި އަދި ވެމްކޯގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައިސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވަނީ މާލޭގައި ވަރަށް ބޮޑަށް ބާވެފައިވާ 4 ބުރީގެ ޢިމާރާތަކާއި 6 ބުރީގެ ޢިމާރާތެއް ވަރަށް އަވަހަށް ތަޅައިލުމަށް އެހީތެރިވުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވި މުއައްސަސާތަކުގެ ކިބައިން އެދިފައެވެ.
އަދި އެ ފަދަ ޢިމާރާތްތަކަކީ ވަރަށް ގިނަ ބަޔަކު އުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތްތަކެއް ކަމަށް ވުމާއެކު ނުރައްކާތެރި ޙާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅުއްވަން ޖެހޭ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.