
ހުޅުމާލޭގައި ކަންނެލި މަސް ބަންދުކުރާ ފެސިލިޓީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
# މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާމާލެގެ މަސް ބަނދަރަށް ކަންކެލިތަކެއް ބާލަނީ - ފޮޓޯ | މިހާރު
ކަންނެލި މަސް ބޭރުކުރުމަށް ހުޅުމާލޭގައި ކުޑަ ޕެކިން ފެސިލިޓީއެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސެއިން ސިނާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސިނާނު ވިދާޅުވީ، މިއީ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެފައިވާ ވަޢުދެއް ކަމަށެވެ. މި މަޝްރޫޢުއަށް އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ފަރާތުން ފަންޑް ހަމަޖެހިފައިވާ ކަމަށާއި، މިފްކޯއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ސިނާނު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ މިފްކޯއިން ކަންނެލި ބޭރުކުރުމުގެ ވިޔަފާރިއަށް ވަނުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތަށް މި ފެސިލިޓީ ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައުޟޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ކުދިވިޔަފާރިތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެފަރާތްތަކަށް ފުރުސަތު ހޯދައި ދިނުމުގެ މަގުފަހި ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް މަސްވެރިކަމުން ނަފާ ލިބުމަކީ ގައުމަށާއި އިގްތިސާދަށް ފައިދާވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢު ފެށުމުން، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ގިނަ ފަރާތްތަކަކަށް އިޤްތިޞާދީ ފައިދާ ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ
ގުޅުންހުރި

މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ތިނަދޫ ބަނދަރަށް އިތުރު ބޯޓެއް ފޮނުވަނީ

ދައުރު ނިމޭއިރު މަސް ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރެވޭނެ - ޝިޔާމް

ހުޅުދޫ ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
