
ފަލަސްތީނު މައްސަލާގައި ބާއްވާ އޯއައިސީގެ ކުއްލި ބައްދަލުވުމަށް މިނިސްޓަރ ޒަމީރު ސައުދީޢަށް!
# އޯއައިސީ# މިނިސްޓަރ މޫސާ ޒަމީރު--
މިއަދު އޮންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ރޭ ސަޢުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އެ މަނިކުފާނުގެ ތަޤްރީރުގައި ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާން ގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކުރައްވާނެއެވެ.
އަދި، ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނާކީ ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ވާހެން ތަންފީޒުކުރެވޭ ޤާނޫނުތަކެއްކަމުގައި ވެގެން ނުވާނެ ކަމަށާއި އެ ކަން ކަށަވަރުކުރުމަށް އިތުރަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލައްވާނެއެވެ. ހަމައެއާއެކު، ދިވެހިރާއްޖެ އިން ދެގޮތެއްނުވެ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރަމުންދާނެކަމުގެ ޔަޤީންކަން އަރުވާނެއެވެ.
މި ބައްދަލުވުމަކީ އިސްރާއިލް އިން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ 'ޖެނޮސައިޑް' ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި އިރާން ގައި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނާއި އިރާން ގެ ދަޢުވަތަކަށް އޯ.އައި.ސީ.ގެ އެގްޒެކްޓިވް ކޮމިޓީ އިން އެ ޖަމުޢިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ބޭއްވުމަށް ނިންމެވި ބައްދަލުވުމެކެވެ. 57 ޤައުމުގެ މައްޗަށް އެކުލެވޭ މި ޖަމުޢިއްޔާގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުއެވެ.





