
އައްޑޫގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެއަށް
# ފުލުހުން# އައްޑޫ ސިޓީ-
އައްޑޫ ސިޓީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ, ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް މަގު ކޮނެފައިވާ ހިސާބުގައި, ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ވެލި ފުންޏަކަށް އަރައިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓްގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ 11:49 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން 23 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އޭނާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.