ކާވާ ބީޗް ވޮލީ: ރާއްޖޭގެ ދެ ޕެއަރ ވެސް މުބާރާތް ފެށީ މޮޅަކާއެކު
ހަސަން ޝަމްއޫން
8/1/2024, 12:07:29 PM
ރާއްޖޭގެ ބީޗުވޮލީ ޓީމު މުބާރާތައް ފުރުމުގެކުރިން...
ބޫޓާންގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ ދެ ޕެއަރ ވެސް މުބާރާތް ފެށީ މޮޅަކާއެކު އެވެ.
ކާވާ ބީޗް ވޮލީ މުބާރާތުން 2022 ގައި ރަން މެޑަލް ހޯދި އާދަމް ނަސީމާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ކުޅުނު އުޒްބެކިސްތާނުގެ ދެވަނަ ޕެއަރ ދެކޮޅަށެވެ. އަދި ރާއްޖޭގެ ދެވަނަ ޕެއަރ އަހުމަދު މުހައްމަދު އާއި މުހައްމަދު އަލީ ނުކުތީ ތަޖިކިސްތާނުގެ ޓީމު އެކަކަ ދެކޮޅަށެވެ.
އެޑަމް އާއި ކުޑަކާއްޓޭ އުޒްބެކިސްތާނުގެ ޕެއާއާ ދެކޮޅަށް ކުޅު މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާ އެކު ސީދާ ދެ ސެޓުންނެވެ. އެގޮތުން ފުރަތަމަ ސެޓް 21-14 އިން ކާމިޔާބު ކުރިއިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 21-6 ގެ ނަތީޖާއަކުންނެވެ.
އަހުމަދު މުހައްމަދު އާއި މުހައްމަދު އަލީ ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓް ދިވެހި ޓީމު ކާމިޔާބު ކުރީ 23-21 ންނެވެ. އަދި ދެވަނަ ސެޓް ދިވެހި ޓީމު ކާމިޔާބުކުރީ 22-20 ގެ ނަތީޖާއަކުންނެވެ.
ރައްޖޭގެ ވޮލިބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ޗެއާމަންކަން ކުރައްވަމުން ގެންދަވާ ކާވާ އަކީ އޭޝިއާގެ ދެކުނާއި ސެންޓްރަލް ގައުމުތައް ނިސްބަތްވާ، އޭޝިއާގެ ވޮލީގެ ސަބް ފެޑެރޭޝަނެކެވެ. އަދި މިފެޑަރޭޝަންގައި ދެ ކެޓަގަރީއެއް އޮވެއެވެ. އެއީ ކާވާގެ އޭ ގުރޫޕްގެ ގައުމުތަކާއި ބީ ގުރޫޕްގެ ގައުމުތަކެވެ. އޭ ގުރޫޕްގައި ހިމެނެނީ ވޮލީގައި އެންމެ މަތީ ރޭންކިން ޓީމުތަކެވެ. އެ ގައުމުތަކުން ކާވާގެ ބީޗް މުބާރާތުގައި ވާދަނުކުރެ އެވެ.
ގުރޫޕް އޭ ގައި ހިމެނޭ އެންމެ ވަރުގަދަ ގައުމުތަކަކީ އިރާން، ޕާކިސްތާން އަދި އިންޑިއާ އެވެ. ނަމަވެސް ކާވާގެ އިންޑޯ މުބާރާތްތަކުގައި އެ ޓީމުތަކުން ވާދަކުރެ އެވެ. ކާވާގެ އޭ ކެޓަގަރީގެ ގައުމުތަކަށް އަދި ބީ ކެޓަގަރީގެ ގައުމުތަކަށް ވެސް އިންޑޯ ވޮލީގައި ވަކި ދެ މުބާރާތް އޮވެއެވެ. ބީ ކެޓަގަރީ ޓީމުތަކަށް އޭ ކެޓަގަރީގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮތަސް އޭ ކެޓަގަރީގެ ޓީމުތަކަށް ބީ ކެޓަގަރީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތެއް ނޯވެ އެވެ.