އަމާޒަކީ ކައުންސިލުތަކުގެ އޮފީސް ޢިމާރާތްތައް އެޅުމުގެ މަސައްކަތް މި އަހަރުތެރޭ ފެށުން - އާދަމް ޝަރީފް
އަހުމަދު ޝުރާއު
7/30/2024, 9:20:48 AM
--
ކައުންސިލުތަކުގެ އޮފީސް ޢިމާރާތްތައް އެޅުމުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަކީ އަމާޒެއް ކަމަށް ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ، މި ދާއިރާއިން ސަރުކާރުގެ ސިޔާސަތު އަދި މީހުން ބިނާކުރުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރޭ ޕީ.އެސް.އެމުން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލުތައް ޢިމާރާތްކުރުމަށް ހިންގާ މަޝްރޫޢުތަކާ ބެހޭ ގޮތުން މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކައުންސިލުތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކަމުގައެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތެރޭން 55 ކައުންސިލު އިދާރާ، ޢިމާރާތްކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޕީއެސްއައިޕީގެ ތެރޭން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އޮފީސް ޢިމާރާތްތައް އެޅުމަށް ބަޖެޓްގައި ހިމަނާފައި ވަނީ އެ ފަދަ ޢިމާރާތެއް ކުރެވޭ ވަރަށް ވުރެ މާ ކުޑަ ޢަދަދެއް ކަމަށެވެ. އެ ކަން އެ ގޮތަށް ނުކުރެވޭނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކައުންސިލުތައް އެޅުމުގެ މަސައްކަތް ޕީއެސްއައިޕީ ޕްރޮޖެކްޓް ތެރޭގައި ހުރި ބައިތައް ވެސް ހަމަ މިހާރުން މިހާރަށް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކުރިއަށް ގެންދާ ގޮތަށް. އެ ނިންމެވުމާއެކީ ހަމަ މި ހަފުތާގައި ފިނޭންސް މިނިސްޓްރީއާއެކީގައި މަސައްކަތް ފައްޓާނަން" ވަޒީރު ވިދާޅުވިއެވެ.