ރައީސް މުއިއްޒުގެ ޒަޢާމާތުގައި ތަޢުލީމީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެންދާނެ- ވަޒީރު އާދަމް ޝަރީފް
އަހުމަދު ޝުރާއު
7/29/2024, 6:24:34 PM
--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިގެން ދާނެ ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަސްލުޓީވީން ގެނެސްދޭ "ޤައުމު ބިނާކުރުން" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ރައީސުލް ޖުމުހުރިއްޔާ ފައްޓަވާ މަޝްރޫޢުއަކީވަރަށް މުހިންމު މަޝްރޫއެއް ކަމަށާއި ރާއްޖޭގެ ސްކޫލްތަކުގައި ބިދޭސީން ނުހިމަނައި ހަމއެކަނިދިވެހި މުދައްރިސުން ކިޔަވައިދޭގޮތަށް މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވި ވިދާލުވުމަކީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ.
"ދިވެހިރާއްޖެ ކުރިއަރައިގެން މި ދާވަރަށް ބަލައި އިރު، ހަރުދަނާ ޖީލެއް ބިނާކުރަން މި ޖެހެނީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި، ދިވެހިންނަކީ އަމިއްލަވަންތަ ކަމެއް، އަޅުގަނޑުމެންގެ އަމިއްލަ ބަހެއް، އަދި ސަގާފަތެއް އޮތް ބަޔަކަށް ވާތީވެ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ވަރުގަދަކުރުމާއެކީގައި އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ތަހުޒީބު ބިނާވެފައި އޮންނަން ޖެހޭނީ އެ ކަންކަމުގެ މައްޗަށް، އެ ފަދަބަޔަކު ބިނާކުރުމުގެ މައްޗަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ފަދަ ބަޔަކު ބިނާކޮށް ސްކޫލްތަކުގެ މަންހަޖު ތަންފީޒުކުރެވޭނީ، ޤައުމު ދެކެ ލޯބިވާ އަދި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް ހުންނަން ޖެހޭ ޤައުމިއްޔަތުގެ ސިފަތައް ހުންނަ އަޚްލާޤީ ގޮތުން ރަނގަޅު މިސާލުތަކެއް ދެއްކޭ ފަދަ ޓީޗަރުން ތަކެއް ތިބެގެން ކަމުގައެވެ.