
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ އަނބުރާ ގެނެސް ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުތަކުގެ ހާމަކުރަން އޭޖީ އޮފީހުން ލަފާދޭން ނިންމައިފި
# އޭޖީ އޮފީސް--
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް ހަރަދުތައް ކޮށްފައިވާ ގޮތުގެ ރަސީދުތައް ނުދޭން އެ ސަރުކާރުން ދެކޮޅު ހެދުމުން އެ ރަސީދުތައް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން މި ސަރުކާރުން ނިންމައިފި އެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބޮޑު ވަފުދަކާއި އެކު ކުރީގެ ރައީސް ސޯލިހް އެމަނިކުފާނުގެ ވެރިކަމުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ. އަޒާން އެމައުލޫމާތު ހޯދުމަށް އެދުނީ އޭރު ނޫސްވެރިއެއްގެ ގޮތުގައި ހުންނަވަައި އެވެ.
މި ތަފްސީލުތައް ރައީސް ސޯލިހުގެ ސަރުކާރުން ނުދިނުމަށް ނިންމި ނިންމުން މިހާރު ވަނީ ހައިކޯޓަށްފަހު ސުޕްރީމް ކޯޓާއި ހިސާބަށް ގޮސްފައި އެވެ. އަދި މި ސަރުކާރުންވެސް ކޯޓުގައި އެމައްސަލާގައި ދިފާއު ކުރަމުންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި އެވެ.
މިއާި އެކު މިރޭ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައި އެވެ. ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ސަރުކާރުންކުރި އެންމެހައި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، އެ މަޢުލޫމާތަށް އެދުނު ފަރާތާ ޙިއްޞާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-A/2022/08 ނިންމުމުގައި އަންގަވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 2022/HC-A/105 ޤަޟިއްޔާއިން ބައްލަވައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު އެދިވަޑައިގަތުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖުލައި 2023 އެ އޮފީހުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުގެ ނަންބަރު 2023/SC-A/41 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަކީ، މައިގަނޑު ގޮތެއްގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 21 ވަނަ މާއްދާ އާއި 76 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް އިސްތިއުނާފުކުރި މައްސަލައެއް ކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/41 ޤަޟިއްޔާއިން ބައްލަވަމުންގެންދަވާ މައްސަލަ އަނބުރާ ގެނައުމަށް އެ އޮފީހުން މިހާރު ނިންމާފައިވާ ކަމަށް ބަޔާނުގައު ބުނެފައި ވެއެވެ.
އެހެންކަމުން، މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައިވާނެ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފި
-1736945032661.webp&w=3840&q=75)
އެން.އާރ.ޓީ.ޑީ ތަޢާރަފުކުރުމަށް ވާރކްޝޮޕެއް ކުރިޔަށް ގެންގޮސްފި

ބަންޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު!
