ފަލަސްތީނުގެ އުންރުވާއަށް އެހީދޭން ފަށަން އިނގިރޭސިވިލާތުގެ އައު ސަރުކާރުން ނިންމައިފި
އަހުމަދު ޝުރާއު
7/19/2024, 1:49:17 PM
--
އިނގިރޭސިވިލާތުގެ އާ ލޭބާ ސަރުކާރުން އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އުންރުވާގެ) އަށް އެހީދޭން އަލުން ފަށާނެ ކަން ހާމަކޮށްފި އެވެ.
"ޔޫއެންއާރްޑަބްލިއުއޭގެ ފަންޑިން މެދުކަނޑާލުން އުވާލައި އަލުން އެހީދޭން ފަށަން ނިންމައިފިިން،" އިނގިރޭސި ވިލާތުގެ އައު ސަރުކާރު ކަމަށްވާ ލޭބާ ސަރުކާރުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ހުކުރު ދުވަހު ޕާލަމެންޓުގައި ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ވެއްޓުނު ކުރީގެ ކޮންޒަވޭޓިވް ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހު އުންރުވާއަށް ފައިސާގެ އެހީދިނުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އެ ސަސްޕެންޝަން އެުވާލައި އާ ފަންޑުތަކުގައި އެ އެޖެންސީއަށް 21 މިލިއަން ޕައުންޑް (27 މިލިއަން ޑޮލަރު) ދިނުމަށް އައު ފޮރިން ސެކެޓްރީ ލެމީ ވަނީ މިއަދު ވައުދުވެވަޑައިގެންފަ އެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް އިސްވެ އޮވެ އިޒްރޭލުގެ ދެކުނުގައި ދިން ހަމަލާގައި އެ އެޖެންސީގެ ބައެއް މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތު ކުރުމާ ގުޅިގެން ޔޫއެންއާރްޑަބްލިއުއޭ އަށް ދޭ ފައިސާ ހުއްޓާލި ގިނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ.
އދ.ގެ ހުއްދަ ލިބިފައިވާ މިނިވަން މުރާޖައާއަކުން އެނގުނު ގޮތުގައި އިޒްރޭލުން ކުރާ ތުހުމަތުތަކަށް އިތުބާރު ހުރި ހެއްކެއް ހުށަހަޅާފައި ނުވާކަން ސާބިތުވެގެން ދިޔައިރު އޭގެ ފަހުން ގިނަ އެހީދޭ ފަރާތްތަކުން ވަނީ އަލުން ފައިސާގެ އެހީތައް ދދޭން ފަށާފައި އެވެ.
އޮކްޓޫބަރު މަހު ދިން ހަމަލާއާ ގުޅިގެން އދ.ގެ އޮފީސް އޮފް އިންޓާނަލް އޯވަސައިޓް ސާވިސަސް އިން ވެސް ވަނީ ހަމަލާގައި އުންރުވާގެ ބަޔަކު ހިމެނޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގަ އެވެ.
ލަމީ ވިދާޅުވީ ފަލަސްތީނުގެ އެތައް މިލިއަން ބަޔަކަށް ތައުލީމާއި ސިއްހަތާއި އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީން "ނިއުޓްރަލިޓީގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭތޯ" ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.