ބެންކޮކްގެ ގްރޭންޑް ހަޔަޓް ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަހުމަދު ޝުރާއު
7/16/2024, 6:07:26 PM
--
ބެންކޮކްގެ އަޕްމާކެޓް ހޮޓަލެއްގައި ހަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ތައިލެންޑް ސަރުކާރުން ބުނެފި އެވެ.
ތައިލެންޑް ސަރުކާރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާއާއި އެކު ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޮޑުވަޒީރު [ސްޓްރެތާ ތަވިސިން] ހުރިހާ އިދާރާއަކަށް އަންގަވާފައިވާ ކަމަށެވެ.
ތައިލެންޑުގެ ފުލުހުން ވަކިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަ މީހުންނަކީ ވެސް ތައިލެންޑުގެ ރައްޔިތުން ނޫން ކަމަށާއި އެއީ ފަތުރުވެރިންކަމަށެވެ.
ފުލުހުންގެ އޮފިސަރުން ތަފްސީލުކޮށްދިން ގޮތުގައި ގްރޭންޑް ހަޔަޓް އެރަވަން އިން މަރުވި ފުރަތަމަ މީހާ ފެނުނީ ހަވީރު 5:30 އެހާކަންހާއިރު ހޮޓެލްގެ ސްޓާފުންގެ ކޯލަކަށް ހޮޓަލަށް ދިޔަ ފުލުހުންނަށެވެ. މީގެ ކުރިން ތައިލެންޑުގެ މީޑިއާތަކުގައި އެ ހަ މީހުން މަރުވެފައި ވަނީ ބަޑީގެ ހަމަލާއެއްގައި ކަމަށް ދެކެވޭ ވާހަކަތައް ވެސް ފުލުހުންގެ އޮފިޝަލަކު ވަނީ ދޮގުކުރައްވައިފަ އެވެ.
"ބަޑީގެ ހަމަލާއެއްގެ އެއްވެސް ނިޝާނެއް ނުފެނޭ،" މަރުވި މީހުންގެ ތެރޭގައި ވިއެޓްނާމްގެ ރައްޔިތުން ވެސް ހިމެނޭ ކަމަށް އޮފިޝަލް ރޮއިޓާސް އަށް ވިދާޅުވި އެވެ.
350 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ ގްރޭންޑް ހަޔަޓް އެރަވަން ހުންނަނީ ލަގްޒަރީ ޝޮޕިން އަދި ރެސްޓޯރެންޓްތަކަށް މަޝްހޫރު ޓޫރިސްޓް ޑިސްޓްރިކްޓެއްގަ އެވެ.
އަންގާރަ ދުވަހު މި ހާދިސާ ހިނގާފައި މިވަނީ ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ތައިލެންޑުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.