logoEN
Sto top
ފަހަތުން އަރައި ނެދަލޭންޑްސް ބަލިކޮށް އިންގްލޭންޑް ފައިނަލުން ޖާގަ ހޯދައިފި

ފަހަތުން އަރައި ނެދަލޭންޑްސް ބަލިކޮށް އިންގްލޭންޑް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/10/2024, 9:00:34 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ޕަލްމާ އަދި ވަޓްކިންސް ކުޅެން ނުކުތުމުގެ ކުރިން ކޯޗު ދެކުޅުންތެރިންނަށް އިރުޝާދުދެނީ

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ސެމީފައިނަލްގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް އިންގްލޭންޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

ނެދަލޭންޑްސް މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ތުރުކީ ބަލިކުރުމަށްފަހު އެވެ. އަދި އިންގްލޭންޑް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނެދަލޭންޑްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޒަވީ ސިމޮން އެވެ. މިއީ އިންގްލޭންޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ 11 މިނެޓު ފަހުން އިންގްލޭންޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. އަދި މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ކުޅުންތެރިން ދިފާއުކުރީ ގޯލު ރޮނގުމަތިންނެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އިންގްލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތެއްގައި ނެދަލޭންޑްސްގެ ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ބޮލުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ދެމިނެޓް ފަހުން ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކަށް ވަނީ މެޗުގެ ލީޑު ހޯދުމަށް ވަރަށް ހުސް ފުރުސަތެއްލިބި ބޭނުންނުކުރެވިފައެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އިންގްލޭންޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި މިމެޗުން އިންގްލޭންޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލީ ވަޓްކިން އެވެ.

މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside