
--
އިނގިރޭސިވިލާތުގެ ދައުލަތުގެ މީޑިއާ ބީބީސީގެ ނޫސްވެރިޔެއްގެ އާއިލާގެ ތިން މީހަކު މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލަންޑަންގައި ހުރި ގެއެއްގައި ތިން އަންހެނަކު މަރާލުމާ ގުޅިގެން ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންދާ ކަމަށް ބެލެވޭ މީހަކު ހޯދުމުގެ މަސައްކަތް އިނގިރޭސި ފުލުހުން މިހާރު ވަނީ ފަށާފައި އެވެ.
ބީބީސީން ބުދަ ދުވަހު ބުނީ މަރުވި އަންހެނުންނަކީ އެ ނެޓްވޯކުގެ މައި ރޭޑިއޯ ރޭސިން ކޮމެންޓޭޓަރު ޖޯން ހަންޓްގެ އާއިލާ ކަމަށެވެ. އެގޮތުން އޭނާގެ އަންހެނުންނާއި ދެ އަންހެން ދަރިން މަރާލާފައިވާ ކަމަށް ބީބީސީއިން ބުނެއެވެ.
ފުލުހުން ބުނީ މި މަރުތަކާއި ގުޅިގެން އުމުރުން 26 އަހަރުގެ ކައިލް ކްލިފޯޑް ހޯދަމުން ދާ ކަމަށާއި އޭނާ ހަރަކާތްތެރިވަމުންދަނީ ކްރޮސްބޯއަކާއި އެހެނިހެން ހަތިޔާރުތަކަކާއި އެކުގައި ކަމަށްވާތީ ސަމާލުވާން އެދޭކަމަށެވެ. ޗީފް ސުޕްރިންޓެންޑެންޓް ޖޯން ސިމްޕްސަން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި ހަތިޔާރު އެޅި ފުލުހުންނާއި ސްޕެޝަލިސްޓް ސާޗް ޓީމުތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ ލަންޑަންގެ ހުޅަނގު އުތުރުގައި އޮންނަ ބުޝޭގެ ގެއަކުން އުމުރުން 25 އަހަރާއި 28 އަހަރާއި 61 އަހަރުގެ މި ތިން އަންހެނުންނަށް ސީރިއަސް ޒަހަމްތަކާއި އެކު އަންގާރަ ދުވަހުގެ ހަވީރު ފެނިފައިވާ ކަމަށެވެ. ފުލުހުންނާއި ސިއްހީ ހިދުމަތްތެރިން އެ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެ މީހުން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި އެވެ.
ބީބީސީގެ މައި ނިއުސް އެންޑް ސްޕޯޓްސް ރޭޑިއޯ ޗެނަލް ބީބީސީ ރޭޑިއޯ 5 ލައިވް އިން ބުނީ މަރުވި މީހުންނަކީ އެ ކޯޕަރޭޝަންގެ ކޮމެންޓޭޓަރު ޖޯން ހަންޓްގެ އަނބިކަނބަލުން ކެރޮލް ހަންޓާއި އެ މީހުންގެ ދެ އަންހެން ދަރިން ކަމަށެވެ. ޖޯން ހަންޓް އަކީ ބީބީސީ ރޭޑިއޯގެ މައި ހޯސް ރޭސިން ކޮމެންޓޭޓަރެވެ. އޭނާގެ އަޑު އެތައް މިލިއަން ބަޔަކަށް އެނގެނީ ދުނިޔޭގެ މަޝްހޫރު ގްރޭންޑް ނޭޝަނަލް އަދި ޑާބީގެ ކަވަރޭޖުންނެވެ.
ގުޅުންހުރި

މިއަދަކީ ކޭޓްގެ އުފަންދުވަސް: ވިލިއަމްގެ ތައުރީފް ފާއިތުވި އަހަރު ކޭޓް ދެއްކި ހިތްވަރަށް!

ހުޅަނގު އައްސޭރީގެ ނިރުބަވެރި ޔަހޫދީންނަށް ތާއީދުކުރާ ޖަމިއްޔާތަކަށް އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
