logoEN
cocacola
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަހުމަދު ޝުރާއު

logo

7/10/2024, 12:33:40 PM

# ރައްޔިތުންގެ މަޖިލިސް

--

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

ގޮސިޔާ

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަަށް ގެންދާ ދެ ދުވަހުގެ މި ޕްރޮގްރާމު އިފްތިތާޙު ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމްއެވެ.

މިއަދު ހެނދުނު ބޭއްވި އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާޙީ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމަށާއި، ހަރަކާތްތެރިކަން ދެއްކެވުމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދެއްކެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައްޔިތުން އައު މެންބަރުންތަކަކާ އައު ޒިންމާތަކެއް ހަވާލުކުރެއްވީ އައު ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައި ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާ ދިވެހި ރައްޔިތުން ޙަވާލުކުރައްވާފައިވާ ބޮޑު މަސްއޫލިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، ހުރިހާ މެންބަރުންވެސް އެ ބޭފުޅުންގެ ޒިންމާތައް އަދާ ކުރެއްވުމުގައި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖެ ޑިމޮކްރެސީގެ މަގުގައި ކޮށްފައިވާ ދަތުރު ހަނދާނަށް ގެންނަވަމުން، ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވީ، އައު ޤާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008ން ފެށިގެން ދިވެހި ޤައުމު 15 އަހަރު ވޭތިކޮށްފައިވާ ކަމަށެވެ. މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން، އެމަނިކުފާނު ވިދާޅުވީ، މި އަހަރުތަކުގައި ޤާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ޙާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ޙާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތަކަށް ވެސް އަލިއަޅުވައި ލެއްވިއެވެ.

"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ" ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެއްސެވުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިޙުސާސްތަކަށް ރިއާޔަތް ކުރެއްވުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވާފައެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާއި، އަމިއްލައަށް ޖަވާބުދާރީ ވުމާއި ޖަވާބުދާރީ ކުރުވުމާއި ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައި ލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ނައިބު ރައީސް ނާޡިމް ގޮވާލެއްވީ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށެވެ. އަދި ޢިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށްވެސް ބާރުއެޅުއްވިއެވެ.

ނާޡިމް ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ޚިޔާލު ތަފާތުވުންތަކުން ޢިއްޒަތްތެރި މެންބަރުން އެއްކިބާވެ ތިއްބަވައިގެން ނަތީޖާ ނެރެދެއްވުމަށްވެސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން" ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ވެސްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މަޢުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ