ލެނީ ޔޯރޯ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑު ލިލް އިން ގަބޫލުކޮށްފި
ހަސަން ޝަމްއޫން
7/10/2024, 12:00:00 AM
ލެނީ ޔޯރޯ
ފުރާންސްގެ ލިލްއަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ލެނީ ޔޯރޯ ހޯދުމަށް ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި ބިޑު ލިލް އިން ގަބޫލުކޮށްފައިވާކަމަށް އިގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ޔޯރޯ ހޯދުމަށް ހުށަހަޅާފައި ވަނީ 50 މިލިން ޔޫރޯ އާއި ގާތްކުރާވަރުގެ އަގެކެވެ. އަދި މިހުށަހެޅުން ލިލް އިން ގަބޫލުކުރީ މިއީ މިވަގުތު ޔޯރޯ ހޯދުމަށް ޓީމަކުން ހުށަހަޅާފައިވާ އެންމެ ބޮޑު އަގައްވެފައި ކުޅުންތެރިއާ އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެއްބަސްވުން އައުކުރަން ޔޯރޯ ދެކޮޅު ހަދާފައިވާތީ އެވެ.
އުމުރުން 18 އަހަރުގެ އިސްކޮޅުން ދިގު (ހަ ފޫޓް ތިން އިންޗި)،ޑިފެންޑަރު ހޯދުމަށް ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކުން ޝައުގުވެތިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑް ވެސް ހިމެނެއެވެ. އަދި މީގެ ކުރިން ޔޯރޯ ވެސް ވަނީ އޭނާ ރެއާލްއަށް ކުޅެން ބޭނުންވާކަމަށް ބުނެފައެވެ.
ނަމަވެސް ރެއާލްގެ މިހާރު ޓްރާންސްފާ ޕޮލިސީއާ އެއްގޮތައް އެޓީމުން ބޭނުންވަނީ ޔޯރޯގެ އެއްބަސްވުމުގައި ބާކީ އޮތް އެއް އަހަރު ހަމަވުމުން ހިލޭ ޓްރާންސް ފާއެއްގައި އެނާގެ ސޮއި ހޯދުމަށެވެ. ނުވަތަ ލިލް އިން މިހާރު ކިޔާ އަގަށްވުރެ އަގު ކުޑަކުރުމަށެވެ. އަދި މީގެ ކުރިން ރެއާލް މެޑްރިޑުން ވަނީ ކަމަވިންގާގެ ސޮއި ހޯދުމުގައި ވެސް ހަމަ އެގޮތައް އަމަލުކޮށްފައެވެ.
މިސަބަބާއި ހުރެ ލިލް އިން ބޭނުންވަނީ ޔުނައިޓެޑުން ހުށައެޅި އަގުގައި އެކުލަބަށް ޔޯރޯ ވިއްކާލުމަށެވެ. އަދި މިކަން އެކުލަބުން ވަނީ ކުޅުންތެރިއާއަށް ވެސް އަންގާފައެވެ. ނަމަވެސް ޔޯރޯ އަދި ވެސް ހުރީ ރެއާލް އިން ނިންމާ ގޮތެއްގެ އިންތިޒާރުގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.