
މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުން މުހިންމު - ފަސްޓްލޭޑީ
# ސާޖިދާ މުޙައްމަދު# ހަކުރު ބަލި-
މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިއީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ އެއް ބަލިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރަމުންދާ ފަރާތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ފާހަގަކުރެއްވިއެވެ. އެ ތިން ކަމަކީ، ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މަޢުލޫމާތު ހޯދާ މީހަކަށްވުމާ، ލިބޭ މަޢުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާޙްކުރުމާ، ހަކުރުބަލި ތަޙައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި، އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަންދިނުމެވެ.
މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް މި ޙަފްލާގައި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ގުޅުންހުރި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް - ފަސްޓްލޭޑީ

"އުފަކާރަ" ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި




