ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރާއްޖެއަށް ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގްރެޓް އަތުލައިގެންފި
އަހުމަދު ޝުރާއު
6/29/2024, 3:11:28 PM
--
ކަސްޓަމްސްއިން ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ވަގަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގްރެޓް އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މިއަދު ވަނީ އެ އޮޕަރޭޝަންގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން ނެރުނު ބަޔާނެއްގައި ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތު ކުރެވިގެން ތަހްގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މިމަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައިވާއިރު، މާލެ އަދި ހުޅުމާލޭގެ ހަތަރު ތަނެއް މިމަހުގެ 26 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ކަސްޓަމްސް އާއި ފުލުހުންގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ހިންގި މި ހާއްސަ އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަން ނުވަތަ 1،731،597 ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައި އެވެ.
އަދި އެތަކެތީގެ ލަފާކުރެވޭ މެކެޓުގެ އަގަކީ 1،600،596 ދިވެހި ރުފިޔާ ކަމަށާއި އިމްޕޯޓް ޑިއުޓީގެ ގޮތުން ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
ކަސްޓަމުން ބުނީ އެ އިދާރާގެ މަަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިޔާއަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ގާނޫނާ ގަވާއިދު ހިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި މުދާ ކްލިއާކުރުމުގެ ފުރުސަތުދިނުމަށްފަހު ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލުވުމަށްޓަައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ހިންގާ އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތު އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަ ކަސްޓަމްސްގެ ގާނޫނާ ގަވާއިދާ އެއްގޮތުގެ މަތިން ތަހުގީގުކޮށް ފިޔަވާޅު އަޅާނެ ކަމަށެވެ.