
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ -- ފޮޓޯ : ފަޔާޒު މޫސާ/ މިހާރު
ކައުންސިލަރުން ހުވާ ކުރުމުގެ ކުރިން އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަކުރަން ޖެހޭ ގޮތް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޑރ. ޒުލްފާ މިހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަފުޅު ދައްކަވަމުންނެވެ.
ޒުލްފާ ވިދާޅުވީ, ކައުންސިލަރުންނާމެދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޤާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ކައުންސިލަރުން އަދާ ނުކުރާ ކަމުގެ ޝަކުވާ ކަމަށެވެ. އަދި ބައެއް ކައުންސިލަރުންނަށް ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް ނޭނގޭ ކަމަށް ޒުލްފާ ފާހަގަކުރެއްވި އެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް އަބަދުވެސް ކައުންސިލަރުން ތަމްރީން ކުރެވޭ ކަމަށާއި އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން ކަމަށް ޒުލްފާ ވިދާޅުވި އެވެ. މިކަމުގައި ދާއިމީ ހައްލެއް ލިބިގެންދާނީ, އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ ކޯހެއް ފުރިހަމަކުރުމަށްފަހު، ކައުންސިލަރުން ހުވާކުރުމުން ކަމަށް ޒުލްފާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އެމްކިޔުއޭ އެކްރެޑިޓެޑް ކޯހެއް ފުރިހަމަކޮށްފައި ނޫނިއްޔާ ހުވާކުރުމުގެ މަރުޙަލާ ކަނޑަތު ނުކުރެވޭ ގޮތް ހެދުން. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތަކުގެ ކުލަ ދޫކޮށްފައި ޤާނޫނުގައި ބުނާ ކަންތައްތައް ކުރުމުގެ ރޫހެއް ބައެއް ކައުންސިލަރުން ނުގެންގުޅުއްވާ." - ޒުލްފާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވި ގޮތުގައި އެމްކިއުއޭ ފެންވަރުގެ ކޯހެއްގައި ކައުންސިލަރުން ތަމްރީންކުރުމުން ކައުންސިލަރުންނަކީ, ޤާނޫނުގައި ބުނާ ކަންކަން ރަނގަޅަށް އެނގޭ ބައެއްކަން ކަށަވަރު ކުރެވޭނެއެވެ.