
--
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޝޯއެއް އަވަށްޓެރި ސްރީލަންކާގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ލަންކާގެ ނިއުސްވަޔާ އިން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ކޮލަމްބޯގައި އެޑް ޝީރަން ކޮންސެޓެއް ބޭއްވުމަށް އަމިއްލަ ދެ ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މިއަދު ވިދާޅުވެފައިވާ ކަމަށެވެ.
އެގޮތުން އެގައުމުގެ ބުކްމައިޝޯއާ އެކު ސިނަމަން ލައިފުން ވަނީ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހު ކޮލަމްބޯގައި މި ކޮންސެޓް ބޭއްވުމަށް ސަރުކާރަށް ހުށަހަޅައިފަ އެވެ. މި ޝޯގެ ވާހަކަ އަދިވެސް ދެކެވެމުން އަންނަ އިރު އަދި ވެސް އެކަން ކަށަވަރުވެފައެއް ނުވެ އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި ބާވަތުގެ ހަރަކާތްތަކަކީ ސްރީލަންކާ ޓޫރިސްޓުންގެ މުނިފޫހިފިލުވުމުގެ ހަބެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.








