ލަންކާގައި ސްކޫލު ކުއްޖަކު ރޭޕް ކޮށްފި, ތުހުމަތު ކުރެވޭ 5 މީހަކު ހައްުޔަރަށް!
އަހުމަދު ޝުރާއު
6/22/2024, 6:58:30 PM
--
ސްރީލަންކާގެ ސްކޫލުކުއްޖަކު ގޭންގް ރޭޕް ކުރި މައްސަލައެއް ފެންމަތިވެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫސްތަކުން ބުނާގޮތުގައި ހަންވެލާ ސަރަހައްދުގައި އުމުރުން 17 އަހަރުގެ ސްކޫލް އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ ފަސް މީހަކު މިއަދު (22 ވަނަ ދުވަހު) ހައްޔަރުކޮށްފައިވާ ކަމަށް އެގަައުމުގެ ފުލުހުން ވަނީ ބުނެފައި އެވެ.
ލަންކަންދީޕާ ނޫހުގައި ވާގޮތުން މިއަދު ހެނދުނު ވަކީލަކު މެދުވެރިކޮށް ހަންވެލާ ޕޮލިސް ސްޓޭޝަނަށް އެކަކު ވަނީ އަމިއްލައަށް ސަރެންޑާ ކޮށްފަ އެވެ. އޭނާއާ ސުވާލު ކުރުމަށް ފަހު އަނެއް ހަތަރު މީހުން ވެސް ވަނީ ހޯދައި ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ބަލަން ފެށީ އިއްޔެ (21 ވަނަ ދުވަހު) އަންހެން ކުއްޖާ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރުމަށް ފަހު ގެއަށް ގޮސް އުޅެނިކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ޝަކުވާ ހަންވެލާ ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ. އެގޮތުން ސައިކަލުގައި އައި ފަސް މީހަކު ގަދަކަމުން އެކުއްޖާ ސައިކަލެއްގައި ގެންގޮސް، އެ ހާދިސާ ހިނގި ޖަލްތާރާ ސަރަހައްދުގައި ހަދަމުން ދިޔަ ސަރަހައްދަކަށް ގެންގޮސް ރޭޕް ކޮށްފައިވާ ކަމަށް ޝަކުވާގައި ވެއެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންނަކީ އުމުރުން 21 އަހަރާއި 24 އަހަރާ ދެމެދުގެ މީހުން ކަމަށާއި އެއީ ކަޑުވެލާގެ ނަވާގަމުވާ ސަރަހައްދަށް ނިސްބަތްވާ މީހުން ކަމަށެވެ.
އަނިޔާލިބުނު އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން މާދަމާ ބަންދު ޖެހުމަށް (23 ވަނަ ދުވަހު) ހޯމަގަމާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ވަނީ ހަމަޖެހިފައެވެ.