ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އަލްބޭނިއާ އިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި
ހަސަން ޝަމްއޫން
6/19/2024, 3:06:11 PM
ލޫކާ މޮޑްރިޗު
ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި އަލްބޭނިއާ އާއި ކްރޮއޭޝިއާ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ އަލްބޭނިއާ އިން ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެންޕިއަން އިޓަލީ އަތުން ބަލިވިއިރު، ކްރިއޭޝިއާގެ ފުރަތަމަ މެޗުގައި ސްޕެއިން އަތުން އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަލްބޭނިއާގެ ފަރާތުން ވަރުގަދަ އެޓޭކިންގް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ކްރޮއޭޝިއާ ސިއްސުވާލާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ގާޒިމް ލަޗީ އެވެ. މިއީ އެޓީމުގެ ފޯވާޑް ޔާސިރް އަސާނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ލީޑު ފުޅާކުރުމަށް އަލްބޭނިއާއަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުންނުކުރެވިފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖައަކުން އަލްބޭނީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖައެއްގެ ގޮތުން ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަންދްރޭ ކްރަމަރިޗް އެވެ.
މިއީ އެޓީމުގެ އަންޓޭ ބުޑިމިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެމިނެޓު ފަހުން ކްރޮއޭޝިއާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މިލަނޑަކީ އަލްބޭނިއާގެ މިޑްފީލްޑަރު ކްލައުސް ޖާސްލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް އަލްބޭނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކްލައުސް ޔަސޫލާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން މިދެޓީމަށް ވެސް އެއް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އަލްބޭނިއާ އަށް ގުރޫޕްގެ ތިންވަނަ ލިބޭއިރު ކްރިއޭޝިއާ މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.