logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ތުރުކީ އަތުން ޖޯޖިއާ ބަލިވެއްޖެ

ވާދަވެރި ކުޅުމަކަށްފަހު ތުރުކީ އަތުން ޖޯޖިއާ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

6/18/2024, 6:27:22 PM

# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރު

ތުރުކީ އާއި ޖޯޖިއާ ވާދަކުރި މެޗުގެ ތެރެއިން

ޖަރުމަނުގައި މިހާރު ކުރުއަށްދާ ޔޫރޯ 24 ގެ ގުރޫޕް އެފްގައި ތުރުކީ އާއި ޖޯޖިއާ ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތުރުކީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ތުރުކީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މެރްތު މުލްދޫރެވެ. އަދި އޭގެ ދެމިނެޓް ފަހުން ތުރުކީން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ޖޯޖިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯޖެސް މިކައުޓަޑްޒޭއެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ގިއޯގީ ކަޗޮރަޝްވިލީ ތަނަޗަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުތުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ތުރުކީން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ޒުވާން ތަރި، އަރްދާ ގޫލާއެވެ.

މިއީ ޖޯޖިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. އަދި ތުރުކީން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ކެރެމް އަކްޓުރްކޮގްލޫއެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ތުރުކީކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތުރުކީ ޒުވާން މިޑްފީލްޑަރު އަރްދާ ގޫލާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ