
ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި!
# ހައްޖުސައުދީގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން
ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް ވަޒީރު ޑރ ޝަހީމް އަލީ ސައީދު ވަނީ ނިންމަވާފައި ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މީގެއިތުރުން މަދީނާގައި ތިބި ދަރިވަރުންގެ ކަންބޮޑުވުން އަޑު އެއްސެވުމަށްފަހު، އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.