މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖާޖީން މިހާރު ސައުދީގައި!
އަހުމަދު ޝުރާއު
6/10/2024, 6:30:09 PM
ދިވެހި ހައްޖާޖީން
މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސައުދީއަށް ދާ ހުރިހާ ހައްޖާޖީން މިހާރު ސައުދީއަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.
ރާއްޖެއިން ހައްޖުގެ އަޅުކަމަށް ހައްޖާޖީން ފުރީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފަހު ގްރޫޕު ސައުދީއަށް ފުރީ މިއަދު އެވެ. އަދި މިރޭގެ ވަގުތެއްގައި އެގްރޫޕުގައި ހިމެނޭ ހައްޖާޖީން ވަނީ ސައުދީއަށް ގޮސްފައި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހާ ވުޒާރާއިން ބުނީ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރި ފަހު ގްރޫޕުގެ ހައްޖާޖީން މިހާރު ސައުދީއަށް ގޮސްފައިވާ ކަމަށާއި މިއަދު ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިއަދު ހައްޖަށް ދިޔުމަށް ފުރި ގްރޫޕުގައި ސަރުކާރުގެ ފަރާތުން ހައްޖާޖީީންގެ އެންމެހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އަމީރުލް ހައްޖުގެ ގޮތުގައި ތައުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއުވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދުވެސް ވަނީ ސައުދީއަށް އެގްރޫޕުގައި ވަޑައިގެންފައެވެ.
މިއަދު ރާއްޖެއަށް ހައްޖުގެ މަތިވެރި އަޅުކަމަށް ޖުމުލަ 1150 ހައްޖާޖީން ވަނީ ސައުދީއަށް ގޮސްފައި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިޔަ 50 ފަރާތްވެސް ހިމެނެއެވެ.