
މަލާވީގެ ނައިބު ރައީސް
މަލާވީގެ ނައިބު ރައީސާއި އިތުރު ނުވަ މީހަކު ގޮވައިގެން ދަތުރުކުރި އަސްކަރީ މަތިންދާބޯޓެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށް އެގައުމުގެ ރައީސް އޮފީހުން ބުނެފި އެވެ.

އުމުރުން 51 އަހަރުގެ ނައިބު ރައީސް ސައުލޯސް ޗިލީމާ ގޮވައިގެން ދަތުރުކުރި މި މަތިންދާ ބޯޓު ވެރިރަށް ލިލޮންގްވޭއިން މިއަދު ފުރީ ގާތްގަނޑަކަށް 370 ކިލޯމީޓަރު (230 މޭލު) ދުރުގައި އޮންނަ އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށެވެ.
މި މަތިންދާބޯޓު ފުރީ އެގައުމުގެ ގަޑިން ހެނދުނު 9:00 ޖެހި އިރުއެވެ.
މަލާވީގެ ރައީސް ލަޒަރަސް ޗަކްވޭރާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަތިންދާބޯޓު "ރާޑަރުން ގެއްލުމާއި އެކު" އޭވިއޭޝަން އޮތޯރިޓީން މަތިންދާބޯޓާ ގުޅުމަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.
"ރާޑަރުން ގެއްލުނު ފަހުން މަތިންދާބޯޓާ ގުޅުމަށް ކުރި ހުރިހާ މަސައްކަތެއް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ،" އެ ބަޔާނުގައި ވެ އެވެ.
"މަތިންދާބޯޓު އޮތް ތަނެއް ދެނެގަތުމަށް ވަގުތުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގުމަށް" ރައީސް ވަނީ ގައުމީ އަދި ލޯކަލް އޮތޯރިޓީތަކަށް އަންގަވާފައި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.