
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ---ފޮޓޯ| ރައީސް އޮފީސް
ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ފަރުދީ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ މިކަމަށް އެދިވަޑައިގަތީ ރޭ ބޭއްވުނު ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިންމު މަޤުޞަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
" ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ޙަޔާތުގެ ތަރައްޤީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމަޢުގައި އޮންނަންޖެހޭ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަކީ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' ކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިއަހަރުގެ ޝިޢާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާޞިލުކުރުމަށް ބާރުއެޅުއްވިއެވެ.
ގުޅުންހުރި

ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ކުރެހުމުގެ މަޢުރަޒު މެޑަމް އިފްތިތާހުކޮށްދެއްވައިފި

ކުޑަކުދިންގެ ދުޅަހެޔޮކަމާ އަދި އެކުދިންގެ މުސްތަޤުބަލަކީ އެންމެ އިސްކަންދޭ ކަންތައްތައް - ފަސްޓް ލޭޑީ

މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުން މުހިންމު - ފަސްޓްލޭޑީ





