ރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިޔުމަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން އަންގައިފި
އަހުމަދު ސަދޫފް މޫސާ
6/2/2024, 6:22:10 PM
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ އަދި އެގައުމުގެ ވަޒީރެއް
ރާއްޖޭގައި ތިބި އިސްރާއީލުގެ ފަތުރުވެރިން، ރާއްޖެ ދޫކޮށް ދިޔުމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އަންގައިފިއެވެ.
ނިރުބަވެރި އިސްރާއީލީ ދައުލަތުގެ ޕާސްޕޯޓު ބޭންކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ތިބި އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ދޫކޮށް ދިޔުމަށް އެދޭ ކަމަށާއި، އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި ނަމަވެސް ރާއްޖެއަށް ދަތުރުނުކުރުމަށެވެ.
އިސްރާއީލުގެ ޚަރިޖީ ވުޒާރާއިން އެފަދަ ބަޔާނެއް ނެރެފައިވާއިރު، ފަލަސްތީނުގެ ބިންތަކުގައި ވެރިވެގަނެގެން އުޅޭ ގިނަ އިސްރާއީލުގެ ވަޒަންވެރިންނަކީ ދެ ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކެކެވެ. އެހެން ކަމުން އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރި ނަމަވެސް، އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެމީހުންނަށް ރާއްޖެއަށް އެތެރެވެވޭނެއެވެ.
އެހެން ނަމަވެސް ގާނޫނަށް އިސްލާހުގެނައުމުގައި، އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ވެސް ރާއްޖެއަށް ވަނުން މަނާ ކުރެވިއްޖެ ނަމަ، އެފަދަ ފަރާތްތަކަށް ރާއްޖެއަށް ވަނުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމުގެ ކުރިން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ރާއްޖެއަށް ނުދިޔުމަށް އެދި ޓްރެވަލް އެޑްވައިޒަރީއެއް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނެވެ. އެ ފަހަރު އެފަދައިން ނެރެފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ދިވެހީން އަޑު އުފުލައި، އެކި ހަރަކާތްތައް ކުރިއަށް ގެންދަން ފެށުމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށް ސަރުކާރުން ނިންމެވި ނަމަވެސް، އެކަން ފުރިހަމަ ވާނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިގެންނެވެ. އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވެއެވެ.