ސިޑްސް މަހާސިންތާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
އަހުމަދު ސަދޫފް މޫސާ
5/31/2024, 9:22:28 AM
ސިޑްސްގެ މަހާސިންތާއިން ރައީސް ޑރ މުޙައްމަދު މުޢިއްޒު އެނބުރި މާލެ ވަޑައިގަތުމުން ނައިބު ރައީސް ހުސައިން މުޙައްމަދު މުޢިއްޒު މަރްޙަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)ގެ ހަތަރުވަނަ ބައިނަލްއަގުވާމީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ރާއްޖެ އެނބުރި ވަޑައިގަތުމުން އެމަނިކުފާނަށް މަރްޙަބާ ދެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ އިތުރުން ޕީއެންސީ ޕީޖީގެ ބޭފުޅުންނާއި ވަޒީރުންނެވެ.
ސިޑްސްގެ މަހާސިންތާ ނިންމެވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވިއިރު، އެ މަހާސިންތާގެ ރިޔާސަތު ބެލެހެއްޓެވުމުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އެގޮތުން އެ މަހާސިންތާގައި އެމަނިކުފާނުވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަޢުދުވެފައިވާގޮތަށް ކަންކަން ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަނިޔާވެރި އުދުވާނުތައް ކުށްވެރިކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ.
އަދި ރައީސް ވަނީ އެ މަހާސިންތާގެ އެކި ބަހުސްތަކާއި އެކި ހާވާސާތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ބައެއް ގައުމުތަކުގެ އިސްވެރިންނާއި އެކި ޖަމިއްޔާތުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ ވެސް ރައީސް މުޢިއްޒު ވަނީ ބައްދަލުކުރައްވާފައެވެ.