
ސީދާ ތިން ސެޓުން ފިޓް ފެމިނިން ބަލިކޮށް ޑީއާރުސީ ވިމެންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
# ވޮލީބޯޅަ# ދިވެހި ކުޅިވަރު # ޑަބްލިއުޑީސީ ވޮލީބޯޅަ ޓޯނަމަންޓް 2024ޑީއާރުސީ ވިމެންސް އާއި ފިޓް ފެމިނިން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ތިނދޫ ސިޓީ ޑަބްލިއުޑީސީ ޕޭޖުން
މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ޑަބްލިޔުޑީސީ ވޮލީބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަންގައި ހޮނިހިރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ފިޓް ފެމިނިން ބަލިކޮށް ޑީއާރުސީ ވިމެންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ޑީއާރުސީ ވިމެންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޑީއާރުސީ ވިމެންސް އިން ކާމިޔާބުކުރީ 20-25 އިންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމައްޓަކައި ކުޅެވުނު ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ވާދަވެރި ކުޅުމަކަށްފަހު 27-25 އިން ކާމިޔާބުކުރީ ޑީއާރުސީ ވިމެންސް އިންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޑީއާރުސީ ވިމެންސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއާރުސީ ވިމެންސްގެ ޖާޒީ ނަންބަރު 6 އަފާ އަލީ އެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ފަސް ޓީމަކުން ބައިވެރިވެފައި ވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
