
ގައުމީ ތަރިކައައިގެ ކޮލެޖު ގާއިމްކުރުމުގެ ކަރުދާހީ މަސައްކަތްތައް ނިމިއްޖެ - ވަޒީރު
# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާވަޒީރު އާދަމް ނަސީރު
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފައްދަވާ ގައުމީ ތަރިކައިގެ ކޮލެޖުގެ ކަރުދާހީ މަސައްކަތްތައް މިހާރު ނިމިފައިވާކަން ތަރިކައާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފި އެވެ.

އެވުޒާރާއިން ރައީސް މުއިއްޒުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުރެވުނު ކަންކަން ނޫސްވެރިންނާއި ހިއްސާކުރުމަށް މިއަދު ބޭެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމުގެ މަސައްކަތުގެ ކަރުދާހީ މަސައްކަތް ނިމި އެ ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާއި ހިސާބުގައި ވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާ ކަންވެސް ވަޒީރު ހާމަކުރެެއްވި އެވެ.
މީގެ އިތުރުން ވަޒީރު ވަނީ ގައުމީ ޗާޕުހާނަ ގާއިމްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަން ފާހަގަކުރައްވާފައެވެ.
ގައުމި ތަރިކަ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ގައުމިއްޔަތުގެ އިލްމު ދިވެހިންގެ ތެރޭގައި އުފައްދައި، ގައުމިއްޔަތާ މެދު ހޭލުންތެރިކަން އޮތް ޖީލެއް ބިނާކުރަން މަސައްކަތްކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އަދި ގައުމީ ޗާޕުހާނާ އުފެއްދުމުގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ގައުމިއްޔަތާއި ތަރިކައާއި ތާރީހާއި ދިވެހީންގެ އަމިއްލަވަންތަކަމާއި ގުޅިފައިވާ އިލްމުތައް، އަދި އެ ކަންކަމާ ގުޅިފައިވާ މައުލޫމާތުތައް އެއްކުރައްވާ ބޭފުޅުންނަށް އެ ބޭފުޅުންގެ ފޮތްތައް އޭގެ ފުރަތަމަ 100 އެއްހައި ކޮޕީ ނުވަތަ 50 އެއްހައި ކޮޕީ ދައުލަތުން ޗާޕުކޮށްދިނުންކަންވެސް ވަނީ ހާމަކޮށްފައި އެވެ.
ދިވެހިރާއްޖޭގައި ތަރިކައާއި ބެހޭ ކޮލެޖަކާއި ގައުމީ ޗާޕުހާނާއެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމަނުއްވާފައިވާ މުހިއްމު ވައުދުފުޅެކެވެ.