ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި
އަހުމަދު ޝުރާއު
5/22/2024, 8:07:30 AM
ތިން ގައުމުގެ ލީޑަރުން
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިންއިން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނަން ނިންމައިފި އެވެ.
ތިން ގައުމުން ލީޑަރުން މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގެ ސުލްހައަށްޓަކައި ކަމަށް ވަނީ ބުނެފައި އެވެ.
ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރު ސްޓޯރުން ބުދަ ދުވަހު ވިދާޅުވީ ދެ ދައުލަތުގެ ހައްލަކީ މިހާރު ހިނގަމުންދާ ހަނގުރާމައާއި އެކު އެންމެ ރަނގަޅު ހައްލު ކަމަށް ގަބޫލުކުރާ ކަމަށާއި ފަލަސްތީނުގެ ދައުލަތުން މިމަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ނޯވޭއިން ބަލައިގަންނާނެ ކަމަށެވެ.
ނޯވޭއިން މިކަން އިއުލާނު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވަނީ ފަލަސްތީނުގެ ދައުލަތެއް އެގައުމުން ވެސް ބަލައިގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު ވެސް ވަނީ އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހު ބަލައިގަންނާނެ ކަން އިއުލާނުކުރައްވާފައި އެވެ.
މި ނިންމުންތަކާއި އެކު އިޒްރޭލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ އަޔަލޭންޑާއި ނޯވޭގައި ހުންނަވާ އިސްރާއީލުގެ ސަފީރުން ވަގުތުން އެނބުރި އިސްރާއީލަށް އައުމަށް އަންގާފައި އެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ މިމަހުގެ 28 ވަނަ ދުވަހު ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަން އިއުލާނުކޮށްފައި އެވެ.