ކޮޕާ އެމެރިކާގައި ވާދަކުރާ އާޖެންޓީނާ ގައުމީ ޓީމުން ޑިބާލާއަށް ފުރުސަތު ނުލިބުނު
ހަސަން ޝަމްއޫން
5/21/2024, 3:23:19 PM
ޕައުލޯ ޑިބާލާ
އަންނަމަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލާނީ އެކުލަވާލި 29 ކުޅުންތެރިންގެ ލިސްޓުން ރޯމާގެ ފޯވާޑް ޕައުލޯ ޑިބާލާއަށް ފުރުސަތެއް ގެއްލިޖެއެވެ.
އުމުރުން 30 އަހަރުގެ ފޯވާޑް މިސީޒަނުގައި އިޓާލިއަން ސެރިއޭގައި ރޯމާއަށް ކުޅުނު 27 މެޗުގައި 13 ލަނޑުކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު 9 ލަނޑުޖެހުމަށް އެހީތެރިވެދީފައި ވާއިރު، މިއީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރެގައި ޑިބާލާ އެންމެ ރަނގަޅު ފޯމެއްގައިހުރި ފަހަރެވެ.
ކޮޕާ އެމެރިކާއަށް އެކުލަވާލި އާޖެންޓީނާ ޓީމުގައި ހިމެނޭ އެޓޭކިން ކުޅުންތެރިންނަށް ބަލާއިރު، މެންޗެސްޓާ ސިޓީގެ ޖޫލިއަން އަލްވަރޭޒް، ފިއޮރެންޓީނާގެ ފޯވާޑް ނިކޮލަސް ގޮންޒާލޭޒް، އިންޓަމިލާން ކެޕްޓަން ލައުޓާރޯ މާޓިނޭޒް، މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް އަލްޖަންޑްރޯ ގަނާޗޯ، އެތްލެޓިކޯ މެޑްރިޑްގެ އެންޖަލް ކޮރެއާ، މޮންޒާގެ ޒުވާން ފޯވާޑް ވެލެންޓީން ކާބޯނީ, އަދި ބެންފީކާގެ ތަޖުރިބާކާރު ފޯވާޑް އެންޖަލް ޑިމާރިއާގެ އިތުރުން ކެޕްޓަން ލިއިނަލް މެސީ ހިމެނެއެވެ.
2015 ވަނަ އަހަރުން ފެށިގެން 2023 ވަނައަހަރާއި ހަމައަށް އާޖެންޓީނާގެ ގައުމީ ޓީމަށް 38 މެޗުކުޅެ ތިން ލަނޑު ކާމިޔާބުކޮށްދީފައިވާ ޑިބާލާ އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ 2023 ވަނަ އަހަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ.