
ސަރުކާރުގެ ފުރަތަމަ 6 މަސް: ފެންނަނީ ކުރިއަރަމުން އަންނަ އިގްތިސާދަކާއި، އުޖާލާ ރާއްޖެއެއް!
# ދިވެހި ސަރުކާރު# ރާއްޖޭގެ އިގްތިސާދު# އިގްތިސާދީ ކުރިއެރުން# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޙައްމަދު މުޢިއްޒު
އަޑިއަޅާފައި އޮތް އިގްތިސާދެކެވެ. ގައުމުގެ ސިޔާދަތު އޮތީ ބުރޫއަރާ ހިސާބުގައެވެ. ހަވާލުވެވަޑައިގަންނަވަން އޮތީ ކިހާވަރެއްގެ "ޗެލެންޖިން" މަސައްކަތްޕުޅެއްކަން ކިތަންމެހާ ވެސް ރަނގަޅަށް އެނގިވަޑައިގަންވައެވެ. އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާނެ މަސައްކަތްޕުޅުތަކާއި، ގައުމުގެ ސިޔާދަތު ދެމެހެއްޓުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާނެ ބުރަ އަދި ބިޔަ މަސައްކަތްޕުޅު ކިތަންމެހާ ވެސް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ފާއިތުވި ހަ މަހުގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވީ އެކަމެވެ.

މިއަދު ހަމަގައިމު ވެސް، ރާއްޖޭގެ އިގްތިސާދު ދަނީ މަޑުމަޑުން ނަމަވެސް ކުރިއަރަމުންނެވެ. އަންދާޒާކުރި މިންވަރުގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ނުލިބުނެއްކަމަކު އަދި ސަރުކާރުގެ އެންމެ ބޮޑު މާލީ ގޮންޖެހުމަށް ދައުލަތުގެ ބިޔަ ބޮޑު ދަރަނިވިކަމަކު، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ހުއްޓުމެއް އަންނަތަނެއް ނުފެނެއެވެ.
އޭގެ އެންމެ ބޮޑު ހެއްކަކީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ. ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމާއެކު، ޑޮލަރު އަގު ދަށްވެ، އޭގެ ސަބަބުން އިގްތިސާދުގައި ޑޮލަރު ދައުރުވުން އިތުރުވާންފަށާފައިވާއިރު، އެއީ އިގްތިސާދަށް އޭގެ ސަބަބުން ހެޔޮ ބަދަލެއް ގެނުވި ކަމެކެވެ. އެކަމަށް ދުނިޔޭގެ ބޭރުގެ މާލީ އިދާރާތަކުން ވެސް ރާއްޖެއަށް ވަނީ މަރްޙަބާކިޔާފައެވެ.
ދެވަނަ ކަމަކަށް، ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި ލިބޭ އާމްދަނީއަކުން ޚަރަދުކުރަން މި ސަރުކާރުން ނިންމުމާއެކު، އޭގެ ހެޔޮ ނަތީޖާ ފެންނަން ފެށިއެވެ. މިދިޔަ އަހަރު ނިމުނުއިރު 124 ބިލިއަނުގައި ދައުލަތުގެ ދަރަނި ހުރިއިރު، މި އަހަރުގެ ކުރީކޮޅުގައި ދަރަނި ހުރީ، ލިބުނު އާމްދަނީއަށް ވުރެ ދަށުގައެވެ. އެކަންވީ މާލީ ގޮތުން ނާޒުކު ދަނޑިވަޅެއްގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބަކަށެވެ.
ދެން އޮތީ ފަތުރުވެރިކަމެވެ. ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާ އަޅާބަލާއިރު 11 އިންސައްތަ ކުރިއަރާފައިވާއިރު، އެކަމަކީ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ވަކިން ޚާއްސަކޮށް، ކޮވިޑުގެ ކުރިން ރާއްޖޭގެ އެއް ނަންބަރު މާކެޓު، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 11 އިންސައްތަ އަށް ވުރެ ގިނަ އިންސައްތައަކީ ޗައިނާގެ ފަތުރުވެރިންނަށްވުމީ، އޭގެ ސަބަބުން ދިވެހި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ.
އެހެން ކަމުން، ފެންނަ މަންޒަރުތަކާއި، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުމަޑުން ނަމަވެސް ފެންނަމުން ދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކަން ހިނގާ ކަމުގެ ބޮޑު ހެއްކެކެވެ.
ދެން އޮތީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކައެވެ. މިއަދު ދިވެހިންނަށް، މި ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރީ ފަރާތްތަކެއް ނެތްކަން ކަށަވަރުވެއްޖެއެވެ. އިސްކުރާނީ ދިވެހީންކަން ކަށަވަރުވެއްޖެއެވެ. އަސްކަރީ ގޮތުން ބޭނުންކުރާން ޑްރޯންފަދަ އާލަތްތައް ލިބި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އިޙްސާސްކުރެވެން ފަށައިފިއެވެ. ބޭރުގެ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން އިތުރަށް ވަރުގަދަވެ، އެންމެ ގައުމަކަށް އޮތް ބަރޯސާ ނިމުމަކަށް ގެނެވިއްޖެއެވެ.
އެ ހުރިހާ ކަމަކާއެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަ މަހުން ދިވެހިންނަށް ފެނުނީ ހިތްހަމަޖެހުމެވެ. އުންމީދީ މަންޒަރުތަކެވެ.
ގުޅުންހުރި

ސޫދާނުގައި ހުންނަ ޔޫއޭއީ ސަފީރުގެ ގެކޮޅަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިތުރު ބާރުތަކާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އުފައްދަވައިފި

ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ނިންމައިފި
