ޓޮޓެންހަމް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އެއްވަނައަށް
ހަސަން ޝަމްއޫން
5/15/2024, 2:18:44 AM
ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް، ޗެންޕިއަން މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެންޗެސްޓާ ސިޓީގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ޓޮޓެންހަމްގެ ކީޕަރު ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ސިޓީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށުގެން ހަވަނަ މިނެޓުގައި މެންޗެސްޓާ ސިޓީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އެރލިންގް ހަލާންޑް އެވެ. މިއީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީގެ ލަނޑަށްފަހު ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ކެޕްޓަން ސޮން އަށެވެ.
ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިއާތެރެއަށް ބޯޅައާއެކު ވަދެ މުޅިން ހުސްކޮށްހުރެ ސޮން ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސިޓީގެ ރިޒާވް ކީޕަރު ސްޓެފަން އޯޓޭގަރ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.
މެންޗެސްޓާ ސިޓީން އެޓީމުގެލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 30 މެޗުގައި އޭނާ ކާމިޔާބުކުރި 27 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 37 މެޗުން މެންޗެސްޓާ ސިޓީއަށް 88 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 37 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ.