ޓޮޓެންހަމްގެ ގިނަ ސަޕޯޓަރުން ބޭނުންވަނީ މިރޭ ސިޓީއަތުން އެޓީމު ބަލިވާން
ހަސަން ޝަމްއޫން
5/14/2024, 10:28:34 AM
ޓޮޓެންހަމްގެ ސަޕޯޓަރުން ޕްރެމިއާ ލީގު މެޗެއްގައި އެޓީމަށް ތަރުހީބުދެނީ
ޕްރެމިއާ ލީގުގައި މިރޭ ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ވަދަކުރާ މެޗަކީ މިދެޓީމުގެ އިތުރުން އާސެނަލްއަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ މިމެޗުން ސީޓީ މޮޅު ނުވެއްޖެނަމަ ލީގު ހޯދުމުގެ އަމިއްލަ ބާރު އާސެނަލްއަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މިމެޗަކީ ޓޮޓެންހަމް އަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މިސީޒަނުގައި ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ލިބުމުގެ ކުޑަވެސް ފުރުސަތެއް އެޓީމަށް އޮތީ މިމެޗުން މޮޅުވެގެންނެވެ.
ނަމަވެސް ސްކައި ސްޕޯޓްސް އިން ކުރިއަށް ގެންދިޔަ ޕޯލްއެއްގެ ނަތީޖާ ދައްކާގޮތުން ޓޮޓެންހަމް ގެ 54 ޕަސެންޓް ސަޕޯޓަރުން ބޭނުންވަނީ ސިޓީ މިމެޗުން މޮޅުވާށެވެ. ސަބަބަކީ ސަޕޯޓްކުރާ ޓީމު ޗެންޕިއަންސް ލީގަށް ކޮލިފައިވެގެން ލިބޭ އުފަލަށްވުރެ ވާދަވެރި އާސެނަލްއަށް ލީގު ލިބިއްޖެނަ ޓޮޓެންހަމްގެ ސަޕޯޓަރުންނަށް ލިބޭ ހިތްދަތިކަން މާބޮޑުވީމައެވެ.
މިމެޗަށް ނުކުންނައިރު، ލީގު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ އާސެނަލް އެވެ. 37 މެޗުން އެޓީމަށް 86 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ސިޓީ އޮތީ 36 މެޗުން ލިބުނު 85 ޕޮއިންޓާއެކު އެވެ. މީގެ އިތުރުން ޓޮޓެންހަމް އިން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް އެސްޓަން ވިލައަށް 37 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ލީގު ފަހު މެޗުގައި ކުރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެ ނަމަ ލީގުގެ ހަތަރުވަނަ މަގާމު އެޓީމަށް ކަށަވަރުވެގެންދާނެއެވެ.