
ފަލަސްތީނުގެ ހައްގުގައި ރާއްޖޭގައި ބޭއްވި ހިންގާލުމެއްގެ ތެރެއިން:- ފޮޓޯ | މުހައްމަދު އަފްރާހް , ހަތާވީސް
ފަލަސްތީނުގެ ހައްގުގައި ދިވެހި ސަރުކާރުން އަޑުއުފުލަމުންދާތީ އެގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފި އެވެ.

ފަލަސްތީނު ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ރޭ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެގައުމުގެ ހައްގުގައި އެކްސްގައި ކުރެއްވި ޕޯސްޓު ރިޕޯސްޓްކޮށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި އެވެ. އެގޮތުން ފަލަސްތީނު ސަރުކާރުގެ ޕޯސްޓުގައި ބުނެފައިވަނީ ފަލަސްޠީނަށް އޮތް އެއްބައިވަންތަކަމާއި ތާއީދު ހާމަކުރުމަށް ޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދިވެހި ޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ޔަހޫދީންނާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއަށް ހުށަހަޅާފައިވާ ހުށައެޅުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާޢީދުކުރައްވާކަން ހާމަކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވާފައި އެވެ. އަދި ދިވެހި ސަރުކާރުން ވަނީ ދެކުނު އެފްރިކާއިން ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން ތާއީދުކުރާކަން އިއްޔެ ނެރުނު ބަޔާނެއްގައި ހާމަކޮށްފައި އެވެ.
ރައީސްގެ ޕޯސްޓުގައި ބުނެފައިވަނީ ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން ރަފަޙްގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢު މަޑު އޮވެގެން ނުވާނެކަމަށާއި، އެކަމާއި ދެކޮޅަށް ތެދުވަންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާންޖެހޭކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި 1967ގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެޤައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައި އެވެ.
ގުޅުންހުރި

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު އުފައްދަވައިފި

ސައުދީ ސަފީރު، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ރައީސްގެ ތާރީހީ ޕޯލްގެ ނަތީޖާ: މެޖޯރިޓީ ބޭނުންވަނީ 2000 ގެ ފަހުން އުފަންވި އެންމެނަށް ދުންފަތް މަނާކުރަން!
