ސޮސިއެޑާޑް އަތުން މޮޅުވެ ބާސެލޯނާ ދެވަނައަށް
ހަސަން ޝަމްއޫން
5/14/2024, 12:00:49 AM
ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ފާހުގެ 23 ވަނަ މިނެޓުގައި ސޮސިއެޑާޑުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މީގެ އިތުރުން ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިހާ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ބާސެލޯނާއިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން މިއީ އުމުރުން 16 އަހަރުގެ ފޯވާޑް މިސީޒަނުގައި ކުޅުނު 46 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ބާސެލޯނާ އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަފީނިހާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ބާސެލޯނާއަށް 76 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް ސޮސިއެޑާޑަށް 35 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ