ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލާގައި މިސްރުން ބައިވެރިވާން ނިންމައިފި
އަހުމަދު ޝުރާއު
5/12/2024, 1:45:12 PM
އައިސީޖީ
ދުނިޔޭގެ ގައުމުތަކުގައި އެކުލަވާލާފައިވާ ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން އިސްރާއީލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެގައުމުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޚިލާފުވެފައިވާ ކަމަށް ބުނެ ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ރަސްމީކޮށް ބައިވެރިވާނެ ކަމަށް މިސްރުން ބުނެފިއެވެ.
މިސްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކެނު އެފްރިކާއިން އައިސީޖީއަށް ހުށަހެޅި މައްސަލައިގައި ބައިވެރިވާން ނިންމީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަމަލާތައް އިތުރުވަމުންދާތީ ކަމަށެވެ.
"[މިއީ] ޣައްޒާގައި ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ސީރިއަސްކަމާއި ފުރުޞަތު އިތުރަށް ގޯސްވަމުންދާތީއާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ސިސްޓަމެޓިކް ޢަމަލުތައް ހިންގަމުން ގެންދާތީއާއި، އާންމުންނަށް ސީދާ އަމާޒުކޮށް ފަލަސްޠީނުގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލުމާއި، ފަލަސްޠީނުގެ ރައްޔިތުން ފިލަން މަޖުބޫރުކުރުވުން ފަދަ ކަންކަން ހިނގަމުންދާތީ ނިންމި ނިންމުމެއް،" މިސްރުން ނެރުނު ބަޔާނުގައި ބުނެއެވެ.
މިސްރުން ބުނީ އިސްރާއީލުން އިސްރާއީލުގެ ބާރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި އައިސީޖޭއިން ނެރެފައިވާ ވަގުތީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގޮވާލާ ކަމަށާއި، އެ ފިޔަވަޅުތަކުގެ ދަށުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބޭނުންވާ ގޮތަށް އިންސާނީ އަދި ރިލީފް އެހީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
އަދި އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް ވެސް ވަނީ ގޮވާލާފައެވެ.
އެ ބަޔާނުގައި މިސްރުން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަގުތުން ފިޔަވަޅު އެޅުމަށާއި ރަފާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށާއި ފަލަސްތީނުގެ އާންމުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ ޕާޓީތަކަށް ގޮވާލާފައެވެ.