ކޫއްޑޫއާއި ކަނޑުހުޅުދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފި
އަހުމަދު ޝުރާއު
5/12/2024, 1:36:10 PM
ފުލުހުން އަތުލަތް މަސްތުވާތަކެތި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. ކަނޑުހުޅުދޫ އަދި ގއ. ކޫއްޑޫ ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުވަދު އަތޮޅުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ކަނޑުހުޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަހު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހު ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ކޫއްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޫއްޑޫއިން 30 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްްޗެއް ހުރި ރަބަރު ގަނޑެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.