ބްރަހީމް ޑިއާޒްގެ ދެލަނޑާއެކު ގްރަނާޑާ އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
5/12/2024, 12:00:00 AM
ބްރަހީމް ޑިއާޒް (ކ) އަދި ފްރާން ގާސިއާ (ވ) ގްރަނާޑާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޗެންޕިއަން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރު ފްރާން ގާސިއާ އެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު އަޑާ ގުލާރ އެވެ. މިއީ ފްރާން ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓުކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް ބްރަހީމް ޑިއާޒް އެވެ.
މިއީ އެޓީމުގެ މިޑްފީލްޑަރު ޑެނީ ސަބެއްލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން މޮޑްރިޗު ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑިއާޒް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 30 މެޗުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ރެއާލް މެޑްރިޑަށް 90 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުގެ ކުރިން އެޓީމުން ވަނީ ލީގު ޗެންޕިއަންކަން ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ގްރަނާޑާއަށް ލީގުގައި ކުޅުނު 35 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މިމެޗަށް ނިކުތްއިރުވެސް އެޓީމު އޮތީ ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެފައެވެ.