ރ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފި
އަހުމަދު ޝުރާއު
5/9/2024, 6:05:12 PM
ހުދު ސަމާލު
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ, ރ ފެށިގެން ރާއްޖޭގެ އެންމެ އުތުރުން އައްޑޫ ސިޓީއާއި ހަމައަށެވެ. އެއިދާރާއިން ސަމާލު ނެރެފައިވަނީ މިރޭގެ 23:00 އިން ފަތިހު 5 ޖެހުމާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ, މި މުއްދަތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރުނު އިރު ހއ އިން ފެށިގެން ނ އަތޮޅާއި ހަމައަށް ވަނީ މިހާރު ރީނދޫ ސަމާލު ނެރެފައި އެވެ.
މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ގޮތުން ކުރާ ވިއްސާރަކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށްއޮތް ދެތިންދުވަހު ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، މޫސުން އަލިވާނެ ދުވަހެއް ސީދާ ދަންނަވަން ނޭނގޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި އުދައިގެ ނުރައްކަލެއް ކުރިމަތިވާނެކަމަށް ލަފާނުކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.