logoEN
cocacola
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ގާއިމުކުރުން އަވަސް ކުރަން ޖެހޭ - އެސްސީ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ގާއިމުކުރުން އަވަސް ކުރަން ޖެހޭ - އެސްސީ

އައިޝަތު އިފާޝާ

logo

5/1/2024, 7:26:13 AM

# ސިވިލް ސާވިސް ކޮމިޝަން

.

ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ގޮވަލައްވައިފިއެވެ.

ގޮސިޔާ

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މިގޮތަށް ގޮވާލައްވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައެވެ. ދިވެހި ސިވިލް ސަރވިސް ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވަނީ ދިވެހި ސިވިލް ސަރވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުވައްސަސާއެއްކަން ފާހަގަކުރައްވާފައެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ޒަމާނީ ފެންވަރެއްގައި އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ޒިންމާއާއި ވާޖިބު އަދާކުރާ ސިވިލް ސަރވަންޓުގެވެސް ހުނަރާއި ޤާބިލްކަން މަތިކުރުމަށް މިއަދު ވަނީ އިތުރަށް މަސައްކަތްތަކެއް ކުރަންޖެހިފައިކަން ފާހަގަކުރެއްވިއެވެ.

މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސަރވިސްގެ ތައުލީމީ އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވާކަން ޝުކުރުވެރިކަމާއެކު ސީއެސްސީގެ ރައީސް ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ސިވިލް ސަރވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މި ކުރިއެރުން ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އުޖޫރައިގެ ހަމަހަމަކަން ޤާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސަރވިސްގެ ދާއިރާތަކަށް ޤާބިލް މީހުން ލިބުމުގެ ދަތިކަން ތަހައްމަލްކުރަންޖެހޭ އަދި ޚިދުމަތުގައި މިހާރުވެސް ދެމިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާންޖެހިފައިވާ ދުވަހެއްކަން ނާސިޙް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ސިވިލް ސަރވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައިވެސް މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި، އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް އެދި ސަރުކާރަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙްގެ މެސެޖްގައި ސިވިލް ސަރވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް މުވައްސަސާއަކަށްވާއިރު ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތްދިނުމުގައި އަދި ޚިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްކުރުމުގައި ސާފު، ސާދާ އަދި ދެފުއްފެންނަ ގޮތްތައް ހިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ