
--
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ވަޒީރުންގެ ދެވަނަ ޕަބްލިކް ފޯރަމް ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ފޯރަމެކެވެ.
އަހާ ފޯރަމްގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި ފޯރަމްގެ ދެވަނަ ބުރު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބުނެފައިވެެއެވެ.
ފޯރަމްގެ ދެވަނަ ބުރުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:
- ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން
- ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހްސާން
- މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
- މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
- ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު
ވަޒީރުންނާ ސުވާލުކުރުމަށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު, ސުވާލު ފޮނުވާނީ އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔުމަށްފަހު 300 ނަމްބަރަށެވެ.
މި ފޯރަމް ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފޯރަމެއްގައި ވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ކޮންމެ ތިން މަހުން އެއް މަހު ރައީސުލްޖުމްހޫރިއްޔާ ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ނިންމަވާފައެވެ.