logoEN
cocacola
ރަހީމީ ގެ ހެޓްރިކާއެކު އަލް ހިލާލް ބަލިކޮށް، އަލް އައިން އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ރަހީމީ ގެ ހެޓްރިކާއެކު އަލް ހިލާލް ބަލިކޮށް، އަލް އައިން އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/18/2024, 7:08:03 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް އައިން # އަލް ހިލާލް # އޭއެފްސީ ޗެންޕިއަންސް ލީގު

އަލް އައިން އާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިިން

އޭއެފްސީ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ އަމިއައްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިކޮށް ޔޫއޭއީގެ އަލް އައިން އިން މުބާރާތުގެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގޮސިޔާ

އަލް ހިލާލުން އެންމެ ފަހުން ކުޅުނު 34 މެޗުން އެޓީމު މޮޅުވެފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އަރަބި ކުލަބު ޗެންޕިއަންސް ކަޕުގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު އަތުން އެޓީމު ބަލިވިފަހުން އަލް ހިލާލް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

އަލް އައިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރާއި ދެކޮޅަށް ކުޅުނު މެޗު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. އަދި އަލް ހިލާލް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން އަލް އިއްތިހާދު ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި އަލް އައިންގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި އެޓީމުގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު ސުފިއާން ރަހީމީ އެވެ.

އެގޮތުން މެޗުގެ ފުރަތަަމަ ލަނޑު، މެޗު ފެށިގެން ހަވަނަ މިނެޓުގައި ރަހީމީ ކާމިޔާބުކުރި އިރު، އަނެއް ދެލަނޑަކީ މެޗުގެ 26 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ދެ ޕެނަލްޓީ އިން އޭނާ ކާމިޔާބުކޮށްދިން ދެލަނޑެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް އައިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ 56 ވަނަ މިނެޓުގައި އަލް އައިން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ތިން ލަނޑުގެ ލީޑެއް ހޯދާފަ އެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ ޕެރަގުއޭ މިޑްފީލްޑަރު ކަކޫ އެވެ.

މިމެޗުގައި އަލް ހިލާލުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އަލް އައިން ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗު އަލް ހިލާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ