logoEN
cocacola
އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވެ، ބާސެލޯނާ މުބާރާތުން ކަޓައިފި

އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވެ، ބާސެލޯނާ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

4/17/2024, 2:30:49 AM

# ބާސެލޯނާ# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

ބާސެލޯނާ ކަޓުވާލުމަށްފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެ، ބާސެލޯނާ މުބާރާތުން ކަޓައިފި އެވެ.

ގޮސިޔާ

މިދެޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފައިވާއިރު، ޕީއެސްޖީ ސެމީގެ ފުރުސަތު ހޯދީ 6-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ބާސެލޯނާގެ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އަށް އެޓީމުގެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައިރު، އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފުރަތަަމަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުގެ އުރުގުއާއީ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

ޕީއެސްޖީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ކުރީގެ ފޯވާޑް އުސްމާން ޑެންބެލޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން 9 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާ އެވެ. އަދި އޭގެ ހަމިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އެމްބާޕޭ އެވެ. މިއީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޖޮއާއު ކަންސެލޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ޕީއެސްޖީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ. މިއީ މިސީޒަނުގެ ޗެންޕިއަންސް ލީގުގައި ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ސެމީފައިނަލްގައި މެއި މަހުގެ އެއްވަނަ ދުވަހު ރަށުން ބޭރުގައި ޕީއެސްޖީ އިން ނުކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑާއި ދެކޮޅަށެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލްގެ ދެވަނަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ