އަޅުގަނޑުގެ މުޅި ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން - ރައީސް
އައިޝަތު އިފާޝާ
4/13/2024, 6:19:20 PM
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ, ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެޖަލްސާގައި ވާހަކަ ދައްކަވަމުން, ދިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެމަނިކުފާނަށް އެ ރައްޔިތެއްގެ ސިޔާސީ ވިސްނުންފުޅު މުހިންމު ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުރި ނަމަވެސް ދިވެހި ރައްޔިތުން އެމަނިކުފާނުގެ އަރިހުގައި ހަމަހަމަވާނެ ކަމަށެެވެ.
އެމީހަކު ހުރި މަގާމެއް. އެމީހަކު އެއީ ސިޔާސީ ކޮން ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން އެމީހަކަށް ދޭންޖެހޭ ޚިދުމަތެއް ދިނުމުގައި. - ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސިޔާސީ ފޯރިއެއްގައި ވިޔަސް އަދި އެހެން ޖަޒުބާތެއްގައި ވިޔަސް އެމަނިކުފާނުގެ ސިޔާސަތާ ޚިލާފުވާގޮތަށް ވާހަކަ ދެއްކުމަކީ އެމަނިކުފާނު ހިތާމަފުޅުކުރައްވާ ކަމެއްކަން ފާހަަގަކުރައްވާފައެވެ.
ރޭގަ އަޅުގަނޑަށް ފެނިގެން ދިޔައީ އަޅުގަނޑުމެންގެ ތެރެއިން ބޭފުޅަކު, ކޮންމެވެސް އެހެން ރަށެއްގައި އޮތް ސިޔާސީ ބައްދަލުވުމެއްގައި މިކަހަލަ ވާހަކަތަކެއް ދެއްކިވާހަކަ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ޚިދުމަތް ދިނުން އަޅުގަނޑުގެ މުޅި ސިޔާސަތަކީވެސް. - ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މީހެއްގެ ސިޔާސީ ވިސްނުން ހުންނަ ގޮތުން އެމީހެއްގެ ވަޒީފާއަކަށް އަންނާނެ އެއްވެސް ނުރައްކަލެއް މި ސަރުކާރުގެ ތެރެއިން ނޯންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.