logoEN
cocacola
ރޮނާލްޑޯގެ 65 ވަނަ ހެޓްރިކާއެކު ރަށުން ބޭރުގައި އަލް ނަސްރަށް ތަފާތުބޮޑު މޮޅެއް

ރޮނާލްޑޯގެ 65 ވަނަ ހެޓްރިކާއެކު ރަށުން ބޭރުގައި އަލް ނަސްރަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

4/3/2024, 3:04:47 AM

# ކްރިސްޓިއާނޯ ރޮނާލްޑޯ# އަބާ# އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު

އަބާ ކޮޅަށް ލަނޑުޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި އަބާ އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގެ މޮޅު ކުޅުމާއެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި އަލް ނަސްރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ އަބާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 10 މިނެޓުފަހުން ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ރޮނާލްޑޯ އެވެ. އަދި މިއީ ވެސް އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ތިންވަނަ ލަނޑު 33 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ ކާމިޔާބުކުރިއިރު، އޭގެ 9 މިނެޓް ފަހުން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މިއީ ފާއިތުވެދިޔަ 3 ދުވަސް ތެރޭގައި ރޮނާލްޑޯ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. މީގެ އިތުރުން މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 65 ވަނަ ހެޓްރިކެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު މިސީޒަނުގައި ލީގުގައި ކުޅުނު 24 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 29 އަރާފައެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އަލް ނަސްރުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަބްދުލް މަޖީދު އަލް ސުލައިހީމް އެވެ. އަދި މިއީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު އަލް ނަސްރުން ފެށީ ދެ ބަދަލާއެކުއެވެ. އެގޮތުން ރޮނާލްޑޯ އަދި މާނޭ އަށް ރެސްޓްދިނުމުގެ ގޮތުން ބަދަލުކޮށްފައިވާއިރު، ދެވަނަ ހާފުގައިި ވެސް އަލް ނަސްރުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައިި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން މިޑްފީލްޑަރު ޢަބްދުލްއަޒީޒް އަލް އެލެވައި ދެލަނޑު ކާމިޔާބު ކުރި އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުއްރަހްމާން ގަރީބް އެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން އަލް ނަސްރަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަބާއަށް 26 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ